Ref: 2025/PR/145
ޔުގާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ހައިކޮމިޝަނަރ ޕްރޮފެސަރ ޖޮއިސް ކަކުރަމަޓްސީ ކިކަފުންޑާ، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި އިޙްތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލް ވަނީ ހައިކޮމިޝަނަރ ޕްރޮފެސަރ ކިކަފުންޑާއަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި ޔުގާންޑާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ފޮރިން މިނިސްޓަރ ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި އެފްރިކާގެ ޤައުމުތަކާއެކު އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ބޭނުންވާކަމަށާއި، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ސައުތު-ސައުތު ކޯޕަރޭޝަންގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ހައި ކޮމިޝަނަރ ޕްރޮފެސަރ ކިކަފުންޑާ ގެ ސަފީރުކަމުގައި ރާއްޖެއާއި ޔުގެންޑާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޚަލީލް އަރިހުގައި ސެކްރެޓަރީ، ޑޮކްޓަރ ހާލާ ޙަމީދު، ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަހީބް، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު ލަޔާނާ އިޙުސާން ބައިވެރިވެވަޑައިގަތެވެ.
ނިމުނީ