Ref: 2026/PR/57
އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދީފައިވާ ހަމަލާގައި 168 ކުދިން މަރުވި މަރުވުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ދިވެހި ސަރުކާރުން ދެކޭގޮތުގައި މިއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެކެވެ.
"ބައިނަލްއަޤުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތަޢުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފު ބޮޑު އަމަލެއް"، މި މައުޟޫއަށް ސްވިޓްޒަރލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގައި ވާހަކަފުޅުދައްކަވަމުން، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ އިސްރާއިލްއާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ގަލްފްގެ ޤައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލެބަނަން މިހާރު އޮތް ނުރައްކާތެރި ޙާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާ އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރުދޭ އިސްރާއީލު ކަމަށް އެކަމަނާގެ ތަޤުރީރުގައި ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ މިފަދަ ޢަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ދިވެހިރާއްޖެއިން ބާރުއަޅައި ބުނެފައިވެއެވެ.
މީގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލާފަވެއެވެ.
މިއީ މި ހަފުތާގެ ތެރޭގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީގައި ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. ފުރަތަމަ ބަހުސް ބާއްވާފައިވަނީ 25 މާރިޗު 2026 ގައެވެ. އެއީ، 28 ފެބުރުވަރީ 2026 ގައި ސައުދީ ޢަރަބިއްޔާ، ޤަޠަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވައިތު، އޮމާން، ބަހްރެއިން، އަދި ޖޯޑަން އާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. މި ދެ ބަހުސްގައިވެސް ދިވެހިރާއްޖެއިން ބައިވެރިވެ ތަޤުރީރުކޮށްފައިވެއެވެ. އަދި، މި ތަޤުރީރުތަކުގައި، އ.ދ. ގެ މަންޝޫރަށާއި ބައިނަލްއަޤުވާމީ އެކި މުއާހަދާތަކަށް ރާއްޖެއިން ކުރާ އިޙްތިރާމާއި، އެ ކަންކަމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށް، ރާއްޖޭގެ ސިޔާސަތުތައް ވަނީ ބަޔާންކޮށްދީފައެވެ.
ނިމުނީ