Ref: 2025/PR/95
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ 49 ވަނަ ބައްދަލުވުން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސް ޕެލޭ ޑި ނޭޝަންސްގައި މިއަދު ފަށައިފިއެވެ. ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިބައްދަލުވުން 9 މެއި 2025 ވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ. މި މުއްދަތުގެ ތެރޭގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކުރެވިފައިވާ ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕް އިން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަންކުރާނެއެވެ. މިބައްދަލުވުމުގައި ރިވިއު ކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ތެރޭގައި އަރުމީނިއާ، ގްރެނާޑާ، ގިނީ، ގިނީ-ބިސާއު، ގަޔާނާ، ކެންޔާ، ކިރިބާސް، ކުވެއިތު، ކިރްގިޒްސްތާން، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް، ލެސޯތޯ، ސްޕެއިން، ސްވީޑެން އަދި ތުރުކިޔޭ ހިމެނެއެވެ. މި ފަހަރުގެ ޔޫ.ޕީ.އާރު. ބައްދަލުވުމުގައިވެސް ދިވެހިރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކެއް ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ.
ޔޫ.ޕީ.އާރު. ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވައެވެ. އެގޮތުން މިހާރު ހިނގަމުންދާ 49 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް ކުރިއަށްދާ ޔޫ.ޕީ.އާރު. ގެ ހަތަރުވަނަ ރިވިއު ސައިކަލް ގެ ބައެކެވެ. ޔޫ.ޕީ.އާރު. އަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުން އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. އަދި މިނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ. މިމަސައްކަތަށް ފަހިކޮށްދިނުމުގެ ގޮތުން ކޮންމެ ރިވިއުއަކަށް ތިން ޤައުމެއްގެ މައްޗަށް އެކުލެވޭ 'ޓްރޮއިކާ' އެއް ކަނޑައެޅިފައިވާނެއެވެ. މިފަހަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއަކީ ކިރްގިޒްސްތާންގެ ރިވިއު އަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރެކެވެ.
ޔޫ.ޕީ.އާރު. ގެ 49 ވަނަ ބައްދަލުވުމުގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ. އަދި، މި ވަފުދުގައި
ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ ޢާއިޝަތު ރަޔާޙީން އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދު ހިމެނިވަޑައިގަންނަވައެވެ.
ނިމުނީ