Ref: 2025/PR/148
އުޒްބެކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ސަރްދޯރް ރުސްތަމްބޭވް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލު، އުޒްބެކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރަށް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެރުވުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
އެގޮތުން، ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި، ރައްޔިރުންގެ މެދުގައި ގުޅުން އިތުރުކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށްޓަކައި މުޙިއްމު އެއްބަސްވުންތައް ނިންމުމަށް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ދިވެހިރާއްޖެއަށާއި އުޒްބެކިސްތާނަށް ފައިދާހުރި ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ ޔަޤީންކަންވެސް ދެބޭފުޅުން ދެއްވިއެވެ.
މިނިސްޓަރ ޑރ.ޚަލީލުގެ އަރިހުގައި، ސެކްރެޓަރީ ފާޠިމަތު ޢިނާޔާ، ސްޓޭޓް މިނިސްޓަރ ޝެރީނާ ޢަބްދުއްޞަމަދު، އެޑިޝަނަލް ސެކްރެޓަރީ ފަރުޒާނާ ޒާހިރު އަދި އެސިސްޓަންޓް ޑިރެކްޓަރ އައިޝަތު ޖުމާނާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ