ޚަބަރު

ސްލޮވީނިޔާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި
Featured

ސްލޮވީނިޔާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

Ref: 2025/PR/200

ސްލޮވީނިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު، މަތާޔާ ވޮޑެބް ގޯޝް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު ހެނދުނު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ކުރިއަށްދިޔަ މިބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް ، ސްލޮވީނިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ނޮން-ރެސިޑެންޓް ސަފީރުގެ ހައިސިއްޔަތުން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ސަފީރު މަތާޔާ ގޯޝް  ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަނާ ކުރެއްވި މަސައްކަތްޕުޅަށް ދިވެހި ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ސަފީރު މަތާޔާ ގޯޝް ވަނީ އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދިވެހި ސަރުކާރުން އެކަމަނާއަށް ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ގާތްކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މުސްތަޤްބަލްގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

މި ބައްދަލުވުން ނިންމަވާލައްވަމުން، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ސަފީރު މަތާޔާ ގޯޝް އަށް ކުރިއެރުމާއި ކާމިޔާބީ އަށް އެދިވަޑައިގެން، ސްލޮވީނިއާ ސަރުކާރުން ރާއްޖެއަށް ދެން ކަނޑައަޅުއްވާ އައު ސަފީރުގެ ދައުރުގައިވެސް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. 

މިބައްދަލުވުމުގައި، ވަޒީރުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު އާއި ސެކްރެޓަރީ ޑޮކްޓަރ ހާލާ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބް ގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ. 

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960