Ref: 2025/PR/315
ޔުގާންޑާގެ ވެރިރަށް ކަމްޕާލާގައި މިއަދު ބޭއްވި ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގެ މެމްބަރު ޤައުމުތަކުގެ މިޑް ޓަރމް ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާޖް ޑޮކްޓަރ މުހައްމަދު ފަހްމީ ހަސަން ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވިއެވެ. ޔުގާންޑާގެ ޚާރިޖީ ވަޒީރު ޖޭޖޭ އޮޑޮންގޯ އަބޫބަކަރް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި ދުނިޔެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނާމްގެ މެންބަރު ޤައުމުތަކުގެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
އެމްބެސެޑަރ-އެޓް-ލާޖް ޑޮކްޓަރ ފަހްމީގެ ތަޤްރީރުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ނާމް އިން އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ތިން މައިގަނޑު ދާއިރާއަކަށް އަލިއަޅުއްވާލެއްވިއެވެ. އޭގެ ތެރޭގައި "ނޮން ޓްރެޑިޝަނަލް ސެކިއުރިޓީ ތްރެޓްސް" އާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނާމްގެ މެމްބަރު ޤައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ ތަރައްޤީއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ޑިޖިޓަލައިޒޭޝަން ނާމް ގެ ޤައުމުތަކުގައި ބޭނުންކުރުން އިތުރުކުރުމާއި،އ.ދ. ގެ ސަލާމަތީ މަޖިލީސް އަދި ބައިނަލްއަޤްވާމީ މަލްޓިލެޓަރަލް ނިޒާމު އިސްލާޙު ކުރުމުގައި ނާމްއިން އިސް ދައުރެއް އަދާކުރުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލައިފައިވާ ޕްލޭންގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ފެށުމަށް އެއްބަސްވުމަކާ ހަމައަށް އާދުވުމުން އެކަމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔައި މި މަސައްކަތުގައި ނާމްގެ މެމްބަރު ގައުމުތަކުން ކުރި މަސައްކައް ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން މި އެއްބަސްވުމަށްފުރިހަމައަށް އިހްތިރާމްކޮށް ބޯލެނބުމަށްވެސް ގޮވާލެއްވިއެވެ. އަދި ފަލަސްތީނުގެ މައްސަލައިގައި ދެމެހެއްޓެނިވި ހައްލެއް ހޯދައި ސުލްހަ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުންދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
1961 ވަނަ އަހަރު އުފެދުނު ނޮން-އެލައިންޑް މޫވްމެންޓަކީ ފިނި ހަނގުރާމާއިގައި ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތުތައް އިސްކޮށް، ހަރަކާތްތެރިވެފައިވާ 121 މެމްބަރު ޤައުމެއް ހިމެނޭހެން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ. ފިނި ހަނގުރާމަ ނިމުމާއެކު، އެ ޖަމުޢިއްޔާއިން ވަނީ ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމަށް ސަމާލުކަން ދޭން ފަށާފައެވެ. ދިވެހިރާއްޖެ ނާމްގެ މެމްބަރު ޤައުމަކަށް ވީ 1976 ވަނަ އަހަރު އެވެ.
ނިމުނީ