Ref: 2025/PR/159
މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އާދިލް އިބްރާހީމް، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި އިޙުތިރާމްގެ ޒިޔާރަތް ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހުގައެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ސަފީރު އާދިލް އިބްރާހީމް އަށް ތަހުނިޔާ ވިދާޅުވެ، ސަފީރު އަދީލް އިބްރާހީމްގެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި މިޞްރާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އިތުރުން، މިނިސްޓަރާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުޙިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ޑޮކްޓަރ ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާރޖް، ޢަބްދުﷲ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު މަލްސާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.
ނިމުނީ