Ref: 2025/PR/110
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ.ޢަބްދުالله ޚަލީލް މިހާރު ކުވޭތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކުވޭތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް އިންޓީރިއަރ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް- ސަބާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި އިޙްތިރާމްގެ ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކުވޭތުގެ އަމީރު، ހިޒް ހައިނަސް، ޝެއިޚު މެޝަލް އަލް- އަޙްމަދު އަލް-ޖަބިރު، އަލް- ސަބަޙް އަދި ކުވޭތުގެ ލީޑަރޝިޕަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި ތަފާތު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ ތަފާތު އެކި މަޝްރޫޢުތަކަށް ކުވޭތު ސަރުކާރުން ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށް ކުވޭތު ލީޑަރޝިޕަށާއި، ކުވޭތު ސަރުކާރުގެ އިސްވެރިންނަށް ޚާރިޖީ ވަޒީރު ޝުކުރުއަދާކުރެއްވިއެވެ. ހާއްސަގޮތެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކުވޭތު ފަންޑް ފޯ އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަމާއި، ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަން ޚާރިޖީ ވަޒީރު ފާހަގަކޮށްލެއްވިއެވެ.
ކުވޭތުގެ އެކްޓިންގ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް އިންޓީރިއަރ ޝެއިޚް ފަޙަދު ޔޫސުފު ސަޢުދު އަލް- ސަބާގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މިގުޅުން އިތުރަށް ބަދަހި ކުރުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ކުވޭތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒް ޝަރީދާ ޢަބްދުﷲ ސާދު އަލް-މައުޝަރީ، ޕްރައިމް މިނިސްޓަރ އޮފީހުގެ ޗީފް، ޢަބްދުލް އަޒީޒު ދާޚިލް އަލް-ދާޚިލް އަދި އެސިސްޓަންޓް ފޮރިން މިނިސްޓަރ ފޮރ އޭޝިއަން އެފެއާޒް، ސާމިޙު އީޞާ ޖައުހަރު ހަޔާތު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފޮރިން މިނިސްޓަރ ޑރ. ޚަލީލުގެ އަރިހުގައި، މި މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ