Ref: 2025/PR/201
ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަން މިއަދު ވަނީ ނިމިފައެވެ. މި ސެޝަންގައި އިންސާނީ ހައްޤުތަކާބެހޭ ކައުންސިލުން ވަނީ 26 ޤަރާރަކާއި 1 ނިންމުން ފާސްކޮށް، ސްޕެޝަލް ޕްރޮސީޖާ މެންޑޭޓް ހޯލްޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފައެވެ.
އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މި ސެޝަންގައިވެސް ދިވެހިރާއްޖޭގެ ވަފްދުން ވަނީ ސަރުކާރުން އިސްކަންދޭ ކަންތައްތަކާގުޅޭ ގޮތުން ޤައުމީ ބަޔާންތައް ދީ، އެ ކަންތައްތަކާގުޅޭ ޤަރާރުތައް ކޯ-ސްޕޮންސަރކޮށްފައެވެ. އޭގެ ތެރޭގައި ހިއުމަން ރައިޓްސް އެންސް ކްލައިމެޓް ޗޭންޖް، ރައިޓް ޓު އެޑިއުކޭޝަން، އެމްޕަވަރމަންޓް އޮފް ވިމެން އެންޑް ގަރލްސް އިން އެންޑް ތުރޫ ސްޕޯޓްސް އަދި ނިއު އެންޑް އިމަރޖިންގ ޓެކްނޮލޮޖީސް އެންޑް ދެއަރ އިމްޕްލިކޭޝަންސް ފޮރ ހިއުމަން ރައިޓްސް ހިމެނެއެވެ.
ހަމައެއާއެކު، ދިވެހިރާއްޖެއަށް މުހިންމު ކަންކަމާ ގުޅޭގޮތުން ދީފައިވާ އެކިއެކި ޖޮއިންޓް ސްޓޭޓްމަންޓްތައް ކޯ-ޕޮންސަރ ވެސް ކުރިއެވެ. މީގެ ތެރޭގައި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކުރިއެރުވުމާއި، ޤައުމުތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމާއި، 2026 ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ. ގެ ވޯޓަރ ކޮންފަރެންސްގައި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމާ ގުޅޭގޮތުން ޖޮއިންޓް ސްޓޭޓްމަންޓްތައް ހިމެނެއެވެ.
މި ސެޝަންގައި ފާސްކުރި ޤަރާރެއްކަމަށްވާ ފްރީޑޮމް އޮފް ޕީސްފުލް އެސެމްބްލީ އެންޑް އޮފް އެސޯސިއޭޝަން ގެ ކޯ-ގްރޫޕް ދިވެހިރާއްޖެ އިން ވަނީ އަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ. މިއީ އިންސާނީ ޙައްޤުތަކާބެހޭ ޔުނިވަރސަލް ޑެކްލެރޭޝަނާއި މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ އާއި އިޤްތިޞާދީ، އިޖުތިމާޢީ އަދި ސަގާފީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ފަދައިން މަދަނީ، ސިޔާސީ، އިޤްތިޞާދީ، އިޖުތިމާޢީ އަދި ސަޤާފީ ޙައްޤުތައް ފުރިހަމައަށް ލިބިގަތުމަށް ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤުގެ މިނިވަންކަމުގެ މުހިންމުކަން ބަޔާންކޮށްދޭ ޤަރާރެކެވެ. އަދި، މި ޤަރާރުން ރައްކާތެރި ގޮތެއްގައި އިންޓަނެޓް ބޭނުންކުރުމަށްވެސް ބާރުއަޅައެވެ. މި ޤަރާރު ފާސްވެފައިވަނީ ހުރިހާ މެމްބަރު ޤައުމެއްގެ ތާއިދާއެކުއެވެ. އަދި، 69 ޤައުމަކުން ވަނީ މި ޤަރާރު ކޯ-ސްޕޮންސަރކޮށްފައެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާބެހޭ 59 ވަނަ ސެޝަންގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ސަލްމާ ރަޝީދުއެވެ. އެކަމަނާގެ އަރިހުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އާޢިޝަތު ރަޔާހީން، ސެކަންޑް ސެކްރެޓަރީ އަމްރު ދަނިޔާލް ޝައްމޫން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދުއެވެ.
ނިމުނީ