ޚަބަރު

ޖަރުމަނުވިލާތުގެ އައު ޚާރިޖީ ވަޒީރަށް ތަހުނިޔާގެ މެސެޖެއް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

Ref: 2025/PR/104

ޖަރުމަނުވިލާތުގެ އައު ފެޑެރަލް ފޮރިން މިނިސްޓަރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޖޮހާން ޑޭވިޑް ވޭޑްޕުލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރުގެ މެސެޖު ތިރީގައި މިވަނީއެވެ. 

"ޖަރުމަނުވިލާތުގެ ފެޑެރަލް ފޮރިން މިނިސްޓަރުގެ މަޤާމަށް މަނިކުފާނު އައްޔަނުކުރެއްވުމާ ގުޅިގެން ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ.

އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަނިކުފާނާ ގުޅިގެން ވަރަށް ގާތުން މަސައްކަތްކުރުމެވެ.

އަދި، ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމަށް އަލިވިލެމުން އަންނައިރު، އަޅުގަނޑުމެންގެ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ އަގުވަޒަންކޮށް، މި މުނާސަބާތާ ގުޅުވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމަށް މަނިކުފާނާއެކު ގާތުން މަސައްކަތްކުރަމަށް ތައްޔާރަށްހުރިކަމުގެ ޔަޤީންކަން އަރުވަމެވެ. 

އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ."

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960