ޚަބަރު

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން
Featured

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުން

Ref: 2025/PR/154

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 59 ވަނަ ސެޝަން ސްވިޓްޒަލޭންޑްގެ ޖެނީވާގައި މިއަދު ފަށައިފިއެވެ. މި ސެޝަން ކުރިއަށްދާނީ، 16 ޖޫން 2025 އިން 9 ޖުލައި 2025 ގެ ނިޔަލަށެވެ.

މި ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން އ.ދ. ގެ ހައިކޮމިޝަނަރ ފޯރަ ހިއުމަން ރައިޓްސް ވޮލްކަރ ޓަރކް ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ބަޔާންކޮށްދެއްވިއެވެ. 

ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެޖެންޑާގެ ގިނަ އައިޓަމްތަކެއްގެ ދަށުން ރާއްޖޭގެ ވަފުދުން ތަޤުރީރުކުރުމަށްހަމަޖެހިފައިވެއެވެ. އަދި، ދަ ރައިޓް ޓު ޕީސްފުލް އެސެމްބްލީ އެންޑް އޮފް އެސޯސިއޭޝަންގެ ކޯރ ޤްރޫޕް މެމްބަރުންނާ ގުޅިގެން ދިވެހިރާއްޖެއިން ސްޕެޝަލް ރެޕެޓުއަރ އޮން ދަ ރައިޓް ޓު ފްރީޑަމް އޮފް ޕީސްފުލް އެސެމްބްލީ އެންޑް އޮފް އެސޯސިއޭޝަންގެ މެންޑޭޓް ރިނިއުއަލްއަށް ޤަރާރެއް ހުށަހަޅުމަށްހަމަޖެހިފައިވެއެވެ.

 ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެމްބަރެއްގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް އިތުރުވަމުންދާތީ ދިވެހިރާއްޖެ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މި ސެޝަންގައި މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ތަޤުރީރެކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ވަކިން ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން، ފަލަސްޠީނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިޘާއަށް އަލިއަޅުވާލާ ބޭއްވުމަށް ހަމަޖެހިފައިވާ ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ތަޤުރީރު ދިނުމަށް ހަމަޖެހިފައިވެއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ59 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. ވަފުދުގައި ދެން ހިމެނިވަޑައިގަންނަވާނީ ކައުންސެލަރ އަލްފާޟިލް އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އަލްފާޟިލާ އައިޝަތު ރަޔާހީން، ސެކަންޑް ސެކްރެޓަރީ އަލްފާޟިލް އަމްރު ދަންޔާލް ޝައްމޫން އަދި އެޓާޝޭ އަލްފާޟިލް މުޙައްމަދު ރާއިދު ސައީދުއެވެ. 

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ހާލަތްތައް ޙައްލުކޮށް އެކަމަށް ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އދ.ގެ ނިޒާމުގެ ތެރެއިން ބައެކެވެ. 47 މެންބަރު ޤަޢުމެއްގެ މައްޗަށް އެކުލެވިގެންވާ މި މަޖިލީހަކީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމާއި ގައުމުގެ ހާލަތްތައް ހައްލުކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މި ދައުރު ހަމަވާނީ 2025 ވަނަ އަހަރުއެވެ.

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960