ޚަބަރު

އިންޑިއާ ކަނޑަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ސަރަޙައްދީ ފެންވަރެއްގައި ގުޅިގެން މަސައްކަތް ކުރުމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގޮވާލައްވައިފި

އިންޑިއާ ކަނޑަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި ސަރަޙައްދީ ފެންވަރެއްގައި ގުޅިގެން މަސައްކަތް ކުރުމަށް ޚާރިޖީ ވަޒީރު ޑރ. ޚަލީލް ގޮވާލައްވައިފި

Ref: 2025/PR/122

 

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) އެ ޖަމުޢިއްޔާ ގެ ކައުންސިލް އޮފް މިނިސްޓަރސް ގެ 24 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑޮކްޓަރ އަބްދުﷲ ޚަލީލް ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވިއެވެ. "ސަސްޓެއިނަބަލް އިންޑިއަން އޯޝަން ފޮރ ފިއުޗަރ ޖެނެރޭޝަންސް" މި ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ އ އަޔޯރާގެ ޗެއަރ ޤައުމު، ސްރީލަންކާއިންނެވެ.

 

މި ބައްދަލުވުމުގައި އަޔޯރާގެ 23 މެމްބަރު ޤައުމުންނާއިޑައިލޮގް ޕާޓްނަރުންގެ ގޮތުގައި ބަލައިގެންފައިވާ 12 ޤައުމަކުން ވަޒީރުންނާއި އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެން، އަޔޯރާގެޗާޓަރުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތަކާއި އުސޫލުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

 

މި ބައްދަލުވުމުގައި މިނިސްޓަރ ޑރ ޚަލީލް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ ކަނޑަށް ދިމާވެފައިވާ ގޮންޖެހުންތަކަށް، ވަކިން ޚާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކާއި، ޤަވާއިދާ ޚިލާފަށް، ނުވަތަ ރެގިއުލޭޓް ނުކޮށް، ނުވަތަ ރިޕޯޓުކުރުމެއްނެތި ކުރިއަށްދާ (އިލީގަލް، އަންރެގިއުލޭޓަޑް، އެންޑް އަންރިޕޯޓެޑް - އައި.ޔޫ.ޔޫ) މަސްވެރިކަން ފަދަ މައްސަލަތަކަށް، ސަރަޙައްދީ ފެންވަރުގައި ގުޅިގެން ހައްލު ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް އަޔޯރާއިން ގެންގުޅޭ ތަޞައްވަރަށް ދިވެހިރާއްޖެއިން ތާޢީދުކުރާކަމަށް ވިދާޅުވިއެވެ.

 

އަޔޯރާ އަކީ އިންޑިއާ ކަނޑު ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް މަސައްކަތްކުރުމުގެ މަޤްޞަދުގައި 1997 ވަނަ އަހަރު އުފެއްދި ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެ އަޔޯރާގެ 22 ވަނަ މެމްބަރު ޤައުމުގެ ގޮތުގައި ބައިވެރިވެފައިވަނީ 8 ނޮވެމްބަރ 2019 ގައެވެ. އަދި ކައުންސިލް އޮފް މިނިސްޓަރސް ގެ 24 ވަނަ ބައްދަލުވުމުގެ ކުރިން، 19 އިން 20 މެއި 2025 އަށް ވަރޗުއަލްކޮށް ބޭއްވި އަޔޯރާގެ ކޮމިޓީ އޮފް ސީނިއަރ އޮފިޝަލްސް ގެ 27 ވަނަ ބައްދަލުވުމުގައިވެސް ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.

 

ނިމުނީ

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960