Ref: 2025/PR/99
އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ޙަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގެ އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވެ، މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބަޔާނެއް ދީފިއެވެ.
މި މައްސަލައަކީ، އ.ދ. އާއި، އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެހެން ޤައުމުތަކުން ފަލަސްތީނުގެ ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސް އަޅައި، ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އ.ދ. ގެ މައި ޖަމްޢިއްޔާ ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް (އަންރުވާ) ގެ މަސައްކަތްތައް ހުއްޓުވާލުމަށްޓަކައި، އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާއި، ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޙަރަކާތްތެރިވަމުންދާ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާތައް ދެމުންގެންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައި.ސީ.ޖޭ. އަށް އިސްތިޝާރީ ލަފަޔަކަށް އެދި ހުށަހެޅުމަށް އ.ދ. ގެ ޢާންމު މަޖިލީހުގެ ޤަރާރަކުން 19 ޑިސެންބަރު 2024 ގައި ފާސްކުރުމުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ކުރިއަށްދާ ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުންތަކުގައި ބައިވެރިވެ ބަޔާނެއް ހުށަހެޅުމުގެ ފުރުޞަތު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށްވަނީ ހުޅުވާލާފައެވެ.
އެގޮތުން އައި.ސީ.ޖޭ. ގައި މިއަދު ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްޞީލު ކުރައްވަމުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ދިވެހިރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެކަން ފާހަގަކުރައްވައި، އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވައި ލައްވާފައެވެ. އަދި ހަމައެއާއެކު، އަންރުވާ ރޫޅާލުމަށްޓަކައި އިސްރާއީލުން ގަސްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އިންސާނީ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދޭނެކަން ފާހަގަކުރައްވާފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ބައިނަލްއަޤްވާމީ ވަކީލުން ހުށަހެޅުއްވި ބަޔާންތަކުގައި، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށްޓަކައި ޤައުމީ ސަލާމަތް އަދި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދައްކަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަން ފާހަގަކުރައްވައި، އިސްރާއީލާއި އަންރުވާއާ ދެމެދު ސޮއިކޮށްފައިވާ 1967 ގެ އެކްސްޗޭންޖް އޮފް ލެޓަރސް އިން އިސްރާއީލު ނިކުތުމުގެ ޤާނޫނީ ނަތީޖާތަކަށްވަނީ އަލިއަޅުއްވައި ލައްވާފައެވެ.
ފަލަސްތީނާއި އިސްރާއީލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ޙައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުންކަމަށްވާއިރު، މިކަން މިއަދުގެ އަޑުއެހުމުގައިވެސް ދިވެހިރާއްޖެއިން ތަކުރާރުކޮށްފައިވާކަމާއި، މި ޙައްލު ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ދިވެހި ދައުލަތް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.