ޚަބަރު

ދިވެހިރާއްޖެއިން ލަގްޒަމްބާގް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ހެރެޑިޓަރީ ގްރޭންޑް ޑިޔުކް އަށް އަރުވައިފި
Featured

ދިވެހިރާއްޖެއިން ލަގްޒަމްބާގް އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ހެރެޑިޓަރީ ގްރޭންޑް ޑިޔުކް އަށް އަރުވައިފި

Ref: 2025/PR/141

ލަގްޒަމްބާގް އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ލަގްޒަމްބާގްގެ ހެރެޑިޓަރީ ގްރޭންޑް ޑިޔުކް  ގިޔޮމް އަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލަގްޒަމްބާގްގެ ދަ ގްރޭންޑް ޑިޔުކަލް ޕެލެސް ގައެވެ.

ފަތްކޮޅުއެރުވުމަށްފަހު، ސަފީރު ޤީލާ އަލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ލަގްޒަމްބާގްގެ ހެރެޑިޓަރީ ގްރޭންޑް ޑިޔުކް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެ އާއި ލަގްޒަމްބާގް އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެކަމަނާ އެރުވިއެވެ. އަދި މީގެ އިތުރުން، ލަގްޒަމްބާގްގެ ހެރެޑިޓަރީ ގްރޭންޑް ޑިޔުކް، ސަފީރު ޤީލާ އަށް މަރުހަބާ ވިދާޅުވެ ދިވެހިރާއްޖެ އާއި ލަގްޒަމްބާގް އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި އެ ޤައުމުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. 

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޤީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން، އަލްފާޟިލް އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ، އަލްފާޟިލް މުހައްމަދު ޝައްފާއު އިބްރާހިމް ބައިވެރިވެވަޑައިގަތެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960