Ref: 2025/PR/229
ދިވެހި ދައުލަތަށާއި ދިވެހި ޚާރިޖިއްޔާ އަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު (ނ.ޢ.ޢ.ވ.) މިއަދު ވަކިވެގެން ދިއުމަކީ، ޚާރިޖީ ދާއިރާގެ އެންމެހާ މުވައްޒަފުންނަށް ނުހަނު ފުން ހިތާމައެއް ލިބިގެންދިޔަ ކަމެކެވެ.
ދިވެހި ދައުލަތަށް 1973 ވަނަ އަހަރު ޚިދުމަތް ކުރައްވަން ފެށްޓެވި، ޙަސަން ޞާބިރު (ނ.ޢ.ޢ.ވ.)، ދައުލަތަށް އެކިއެކި ފަންތީގައި ގިނަގުނަ ދާއިރާތަކަށް ތަރައްޤީ ގެނެސްދެއްވި މަސައްކަތްތަކެއް ކުރެއްވުމަށްފަހު، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ހައިސިއްޔަތުން، ދިވެހި ޚާރިޖިއްޔާއާ ގުޅިވަޑައިގަތީ، 2004 ވަނަ އަހަރު އެވެ. މި ހައިސިއްޔަތުން، ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ އިސްލާހީ އެޖެންޑާގެ ދުވަސްވަރު ހުޅަނގުގެ ޤައުމުތަކުގައި ދިވެހިރާއްޖޭގެ ތަސައްވުރު ރަނގަޅު ކުރުމަށާއި އިސްލާހީ އެޖެންޑާއަށް ތަރުހީބު ހޯދުމަށް އެ މަނިކުފާނު ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައި، ދިވެހިރާއްޖޭގެ ނަން އުފުއްލަވާ ދެއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށާއި، ބެލްޖިއަމަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ކަމާއި، ނެދަލަންޑްސްއަށާއި ލަގްޒަމްބާގަށް ކަނޑައަޅުއްވާފައި ހުންނެވި ނަން-ރެސިޑެންޓް ސަފީރުކަން ވެސް އަދާކުރައްވާފައެވެ.
ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަންވެސް ކުރައްވާފައިވާ ޙަސަން ޞާބިރު އަށް މިއަހަރުގެ މިނިވަން ދުވަހު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު (ނ.ޢ.ޢ.ވ.) ގެ އާއިލާއާއި، އެ މަރުޙޫމްގެ ގާތްތިމާގެ މީހުންނަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲ މަރުޙޫމްގެ ފާފަ ފުއްސަވާދެއްވައި ރަޙްމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރަން. އަދި މަރްޙޫމުގެ އާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވާށި!
އާމީން!