Ref: 2025/PR/147
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް ޑެންމާކްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރަސްމުސް އެބިގޯޑް ކްރިސްޓެންސެން މިއަދު އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ސަފީރު ރަސްމުސް އެބިގޯޑް ކްރިސްޓެންސެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް އެރުވުމުން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.
ސަފީރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ޑެންމާކް އާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ވަޒީރަށް ދެއްވިއެވެ. އަދި މި ބައްދަލުވުމުގައި ވަޒީރާއި ސަފީރުގެ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ތަޢުލީމާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މިނިސްޓަރ ޑޮކްޓަރ ޚަލީލްގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު އާއި ސެކްރެޓަރީ ޑރ. ހާލާ ޙަމީދު އާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސައިން ޝިހާބް އާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ހާނީ ނަޢީމްގެ އިތުރުން ޗީފް ޑެސްކް އޮފިސަރ އާމިނަތު ޝައިސްތާ ހަމްދާން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.
ނިމުނީ.