Ref: 2025/PR/214
ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު މަކްސިމް ޕްރެވޫ އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި މިވަނީއެވެ.
"ބެލްޖިއަމްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މަނިކުފާނަށާއި ބެލްޖިއަމްގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
ދިވެހިރާއްޖެއާ ބެލްޖިއަމް އާ ދެމެދު 1977 އިން ފެށިގެން ޚާރިޖީ ގުޅުން ގާއިމްކުރެވުނީއްސުރެން، މި ގުޅުން ދެމެހެއްޓުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަހްމަތްތެރި ގުޅުމާއި އިޙްތިރާމްގެ މައްޗަށްކަމުގައި އަޅުގަނޑު ފާހަގަކުރަމެވެ. އަދި ބައިލެޓްރަލް އާއި މަލްޓިލޭޓަރަލް ކަންކަމުގައި ދެ ފަރާތަށްވެސް މުހިންމު އެކިއެކި ކަންކަމުގައި ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުންދިނުން ކުރިއަށް ގެންދެވިފައިވާކަންވެސް ފާހަގަކުރަމެވެ.
އަދި ކުރިއަށް އޮތްތާނގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދެ ފަރާތަށްވެސް މުހިންމު ބައިލެޓްރަލް އަދި މަލްޓިލޭޓަރަލް ކަންކަމުގައި، މަނިކުފާނާއެކު ގާތުން މަސައްކަތްކުރަމަށް އަޅުގަނޑު އުންމީދުކުރަމެވެ.
މަނިކުފާނަށް ދުޅަހެޔޮ ސިއްޙަތަކަށް އެދި އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް، މި ފުރުސަތުގެ ބޭނުންކުރީމެވެ."
ނިމުނީ.