ދިވެހިރާއްޖެއިން ކެނެޑާ އަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލް ޢަބްދުލްޣަފޫރު މުޙައްމަދު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

Ref: 2025/PR/97

ދިވެހިރާއްޖެ އިން ކެނެޑާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލް ޢަބްދުލްޣަފޫރު މުޙައްމަދު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ކެނެޑާގެ ގަވަރނަރ-ޖެނެރަލް ހަރ އެކްސެލެންސީ ދަ ރައިޓް އޮނަރަބަލް މޭރީ ސިމޮން އަށް އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮޓާވާގެ ހުންނަ ރަސްމީ ގެކޮޅުގެ ރީޑޯ ހޯލްގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ކެނެޑާގެ ގަވަރނަރ-ޖެނެރަލް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އާ ކެނެޑާ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުންގެންދާނެކަމުގެ ޔަގީންކަން އެރުވިއެވެ. 

މި ބައްދަލުވުމުގައި ކެނެޑާގެ ގަވަރނަރ-ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ނޮން-ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު އެރުވުމުން ތަހުނިޔާ ދަންނަވައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވިއެވެ. އަދި ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ކެނެޑާއިން ތައްޔާރަށް އޮތްކަން އެކަމަނާ ވިދާޅުވިއެވެ.

ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު ކެނެޑާގެ ވެރިރަށް އޮޓާވާ އަށް ކުރެއްވި މި ދަތުރުފުޅުގައި ގްލޯބަލް އެފެއާޒް ކެނެޑާގެ އިސްވެރިންނާއެކު ރާއްޖެ އާއި ކެނެޑާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ކެނެޑާ އަށް ކަނޑައަޅުއްވާފައި ހުންނަ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަޤާމަށް ޢަބްދުލްޣަފޫރު މުޙައްމަދު އައްޔަން ކުރައްވާފައިވަނީ 4 މާރޗް 2025 ގައެވެ. މީގެ އިތުރުން، ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު ދަނީ ދިވެހިރާއްޖެއިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުވެސް އަދާކުރައްވަމުންނެވެ.

ނިމުނީ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960