ޚަބަރު

އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު މުހައްމަދު ހުސައިން ޝަރީފް ފަތްކޮޅު އަރުވައިފި

Ref: 2025/PR/85

އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީ (އައިރީނާ) އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބު އަލްފާޟިލް މުހައްމަދު ހުސައިން ޝަރީފް އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު އައިރީނާގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ފްރެންޗެސްކޯ ލާ ކެމެރާއަށް މިއަދު އަރުވައިފިއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައިވަނީ އަބޫދާބީގައި ހުންނަ އައިރީނާ ގެ މައިއޮފީހުގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުވުމުގައި ސަފީރު މުޙައްމަދު ޙުސައިން ޝަރީފު ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް ކުރިއެރުވުމުގައި އައިރީނާ އިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންގެންދާ ފަންނީ އެހީއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި އައިރީނާ އިން އަދާކުރަމުންދާ އިސް ދައުރު ފާހަގަކުރައްވާ ދިވެހިރާއްޖެއާއި އައިރީނާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި ދިވެހި ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި އައިރީނާއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަންދެއްވިއެވެ.

ޑިރެކްޓަރ ޖެނެރަލް ލާ ކެމެރާ ސަފީރުގެ އާ ދައުރަށް މަރުހަބާ ވިދާޅުވެ، އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަށް އިތުރަށް ފުޅާކުރުމުގައި އައިރީނާގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމަށް ވިދާޅުވިއެވެ.

އައިރީނާއަކީ2009 ވަނަ އަހަރު ރަސްމީކޮށް އުފެދުނު އިންޓަރގަވާރމެންޓަލް ޖަމްޢިއްޔާއެކެވެ. މިހާރު 169 މެމްބަރު ޤައުމު ހިމެނޭ މި ޖަމްޢިއްޔާގެ މެމްބަރަކަށް ދިވެހިރާއްޖެ ވެފައިވަނީ 2009 ވަނަ އަހަރުގައެވެ.

 

ސަފީރު މުޙައްމަދު ޙުސައިން ޝަރީފުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގާ ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރ ހައިޝަމް މުޙައްމަދާއި، ކައުންސެލަރ މުއުމިނާ އިބްރާހިމް އަދި ފަސްޓް ސެކްރެޓަރީ ފާތިމަތު ނިޢުޝާ ބައިވެރިވެވަޑައިގަތެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް,މާލެ، ދިވެހިރާއްޖެ،20077 |ފޯން ނަންބަރު: 3323400-00960 | ހޮޓްލައިން: 7983400-00960